ލިޔުން

އަޅުގަނޑު، އަހަރެން، މަ: ފިލްމީ ނަޒަރަކުން

މިއީ ފިލްމީ ނަޒަރަކުން އަޅުގަނޑު، އަހަރެން ނުވަތަ މަގޭ ވާހަކައެވެ.

ލިޔުނީ Abdulla Wisham 28.10.2026
އަޅުގަނޑު، އަހަރެން، މަ: ފިލްމީ ނަޒަރަކުން

އަޅުގަނޑަކީ ހަނދާން ހުންނަން ފެށީއްސުރެ ވެސް ފިލްމީ ދުނިޔެއަށް ހާއްސަ ލޯތްބެއް އޮންނަ މީހަކީމެވެ. ކުޑައިރު ދިރިއުޅުނީ މަންމަ ފަރާތު ކާފަމެންގެ، ދ.ރިނބުދޫ، "ވިލާޑިސޯސަން" ގައެވެ. އެ ގެއަކީ އެތައް ވީޑިއޯ ކެސެޓުތަކެއް ގެންގުޅުނު، ފިލްމު ބެލުމަށް ފޯރި އޮންނަ ގެއެކެވެ. މާމައާއި ކާފަ މާލެއަށް ކުރާ ދަތުރުތައް ނިންމާލުމަށްފަހު ގެންނަ ފިލްމު ކެސެޓުތަކަކީ ހިތުގައި މިއަދުވެސް ބިންވަޅު ނެގިފައިވާ ފޮނި ހަނދާނެކެވެ. ނުވަދިހައިގެ އަހަރުތަކުގެ ހިންދީ ފިލްމުތަކާއި ޓީވީއެމް އިން ދައްކަމުން ދިއަ ދިވެހި ފިލްމުތަކާއި ޑްރާމާ ސީރީސްތައް އޭރު ގޭތެރޭގައި ކިތަންމެހާވެސް މަގުބޫލެވެ. ނުވަދިހައިގެ އެ އަހަރުތަކަކީ ދެން ދުވަހަކުވެސް ނާންނާނެ ފަދަ ރަންޒަމާނެކެވެ.

ކުޑައިރު ދިރިއުޅުނު ގެ، ދ.ރިނބުދޫ، ވިލާޑިސޯސަން. ގޭގެ ފެންޑާގައި ހުންނަ ޓީވީ އަލަމާރި އަދި އަލަމާރި މަތީގައި ރޭޑިއޯ.
ކުޑައިރު ދިރިއުޅުނު ގެ، ދ.ރިނބުދޫ، ވިލާޑިސޯސަން. ގޭގެ ފެންޑާގައި ހުންނަ ޓީވީ އަލަމާރި އަދި އަލަމާރި މަތީގައި ރޭޑިއޯ.

ދިވެހިރާއްޖޭގެ އަޑުން ގެންނަ "އެބައުޅޭ އެބައުޅޭ" ޕްރޮގްރާމް އަޑުއެހުމަށްޓަކައި ރައްޓެހިންނާއެކު ރޭޑިއޯ ކައިރިއަށް އެއްވި ހަނދާންތަކާއި، ސްކޫލަށް ދާން ތައްޔާރުވަމުންދާއިރު އިވެމުންދާ "ބާއްޖަވެރި ހެނދުނެއް"ގެ އަޑުތަކަކީ، ދުވަހަކުވެސް ހިތުން ފިލައިގެންދާނެ ހަނދާންތަކެއް ނޫނެވެ. ޓީވީ ބަލަން ހެނދުނު ނުވައެއް ޖަހާއިރަށް ކަރަންޓު ނުދީ ލަސްވާތީ ރައްޓެހިންނާއެކު އިންޖީނުގެ ދޮށުގައި އިންތިޒާރުގައި ތިބި ދުވަސްތައްވެސް މަދެއް ނޫނެވެ. އޭރުގެ އެންމެ ފޭވަރިޓް ފިލްމަކީ ހިންދީ ބިރުވެރި ފިލްމެއް ކަމަށްވާ 1991 ވަނަ އަހަރުގެ "ހަތްޔާރިން"އެވެ. އެ ފިލްމު ބެލުނު އަދަދެއް ވެސް ނޭނގެއެވެ. ބިރުވެރި ފިލްމުތަކަށް ހާއްސަ ޝައުގުވެރިކަމެއް އުފެދިގެން ދިއައީ އެ ހިސާބުންނެވެ. މީގެއިތުރުން، އެ ދުވަސްވަރުގެ އެތައް ފިލްމެއްގެ ހަނދާންތައް އަދިވެސް ހިތުގައި އެބަހުއްޓެވެ. މިސާލަކަށް، "ދިލް ޖަލޭ (1996)" އަދި "ސަންގްދިލް ސަނަމް (1994)" ވެސް އެއީ ވަރަށް ބެލުނު ދެ ފިލްމެވެ. އަދިވެސް "ސަންގްދިލް ސަނަމް" ގައި ހިމެނޭ "އާކޯންމޭ ބަންދު ކަރްލޫ" މި ލަވައިގެ ކުޑަކުދިންގެ ވާޝަންއާއި "ވަން ޓޫ ތްރީ" (އަޅުގަނޑުމެން ކިޔާ ގޮތުން ނަމަ މާލި ލަވަ) އަޑުއިވޭ ކޮންމެ ފަހަރަކު، އެ ދުވަސްވަރުގެ އެތައް ފުންފޮނި ހަނދާންތަކެއް އާވެގެންދެއެވެ.

އެންމެ ބެލުނު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ހަތްޔާރިން (1991) އަދި ސަންގްދިލް ސަނަމް (1994) ގެ ޕޯސްޓަރެއް.
އެންމެ ބެލުނު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ހަތްޔާރިން (1991) އަދި ސަންގްދިލް ސަނަމް (1994) ގެ ޕޯސްޓަރެއް.

ދިވެހި އުފެއްދުންތަކަށް ބަލާއިރު، ޓީވީއެމްގެ "ޤުރުބާން"، "ފުންއަސަރު"، "ކައްތިރި"، "ރާޅުބާނީ"، "އެހަނދާން" ފަދަ އުފެއްދުންތައް ހަނދާންހުރެއެވެ. ޔޫސޭގެ "ނިބޫ" އަކީ ގޭގައި ވަރަށް މަޝްހޫރު ފިލްމެކެވެ. އެއަށްފަހު ހަމަ އޭނަގެ "އިރުއޮއްސުމުން" ވެސް ފާހަގަކޮށްލެވެއެވެ. ޔޫސޭއަކީ އެންމެ އަސްލާ އެއްގޮތަށް ވަރަށް ފްރީ ޑައިލޮގްސް ހިމަނައިގެން ފިލްމުތައް ގެނެސްދޭ މީހެއްކަން ފާހަގަކޮށްލެވެއެވެ. އަދިވެސް އެންމެ ބަލާލާހިތުން އޭރު ކުޑަވީމަ، ބެލިޔަ ނުދީ ވެސް އޮތީ އޭނަގެ "މަސްތު" ކިޔާ ފިލްމެކެވެ. އެ ފިލްމު ފެންނާނެ ނަމައޭ އަދިވެސް ހިތަށް އަރައެވެ. ދެން މަހުދީ ޑައިރެކްޓްކޮށް ޓެޑްރީ ގެނެސްދިން "އަމާނާތް" އަކީ އޭގެ މަންޒަރުތަކާއި ލަވަތަކުގެ ފުރިހަމަކަމުން ކުޑައިރުވެސް ވަރަށް ކަމުދިއަ ފިލްމެކެވެ. އެތައް އަހަރެއް ކޮށްފައި އޮލިމްޕަހުގައި އެ ފިލްމު އެޅުވުމުން ވެސް ބަލަން ދިޔައީމެވެ.

1998 ވަނަ އަހަރުގެ ދިވެހި ފިލްމު އަމާނާތް، 2017ގައި އަލުން އޮލިމްޕަހުގައި އެޅުވި ރޭ އެ ފިލްމު އުފެއްދި ޓެޑްރީއާއެކު ނަގާފައިވާ ފޮޓޯއެއް.
1998 ވަނަ އަހަރުގެ ދިވެހި ފިލްމު އަމާނާތް، 2017ގައި އަލުން އޮލިމްޕަހުގައި އެޅުވި ރޭ އެ ފިލްމު އުފެއްދި ޓެޑްރީއާއެކު ނަގާފައިވާ ފޮޓޯއެއް.

މީގެއިތުރުން، މަރުޙޫމް ފައްތާހު ގެނެސްދިން ޓީވީ ސީރީސްތަކަކީ ހަމަ އެފަދަ ދެވަނައެއް ނެތް މޮޅު އުފެއްދުންތަކެކެވެ. އެގޮތުން، "ރޭޝަމް" "މާފުކުރާށޭ" "ދޯޕައްޓާ" ފަދަ ސީރީސްތައް ފާހަގަކޮށްލެވެއެވެ. ކެމެރާގެ ކުރިމަތީގައި އަންހެން ތަރިން އެހާ ނަލަކޮށް، ޗާލުކަމާއެކު ދައްކުވައިދިނުމުގައި އޭނަ ފަދަ ދެވަނަ ޑައިރެކްޓަރަކު އަދި މިހާތަނަށް ފެނިފައެއް ނެތެވެ. އޭރު އުމުރުން ޅަކަމުން ހުރިހާ ވައްތަރެއްގެ ފިލްމުތަކެއް ބެލުމުގެ ފުރުސަތެއް ނުލިބޭނެތާއެވެ. ހޮލީވުޑް ފިލްމުތަކަށް އޭރު ރަށުގައި އެހާ ބޮޑު ތަރުހީބެއް ނޯވެއެވެ. އާންމުކޮށް ފެންނާނީ ވަރަށް މަޤުބޫލުވާ ފިލްމެއް ވިއްޔާއެވެ. އެގޮތުން "ޓައިޓޭނިކް"، "ޓަރމިނޭޓަރ" އަދި "ޖުރެސިކް ޕާކް" ފާހަގަކޮށްލެވެއެވެ. އެހެންކަމުން، ހޮލީވުޑްގެ ފިލްމުތައް ބަލަން ފެށުނީ ވަރަށް ފަހުންނެވެ.

ރަށުގައި ކުއްޖަކު ހިތާނުކޮށްފިނަމަ ވެސް އެއީ ބޮޑު އީދެކެވެ. ކޮންމެ ރެއަކު އަޅުވާނެ ފިލްމެއް ހޮވުމަށް އޭރު ވޯޓު ނަގާނެއެވެ. "ބަރުސާތު"، "ޖުނޫން" (އަޅުގަނޑުމެން ކިޔާގޮތުން ނަމަ މިނިކާވަގު ފިލްމު)، "ޚޫން ބާރީ މާންގު" (ކިނބޫ ފިލްމު) މިއީ އޭރުގެ މަޤުބޫލު ހޮވުންތަކެވެ. އަޅުގަނޑު ހިތާނުކޮށްގެން އުޅުނު ދުވަސްވަރު، ހަދިޔާއަކަށް ބޭނުމީ ކޮން އެއްޗެއްތޯ ކާފަ އެހި ހަނދާން އަދިވެސް އެބަހުއްޓެވެ. ވަގުތުން ގޭގައި ހުރި ހުރިހާ ފިލްމެއް ދޭން ބުނީމެވެ. ކާފަ އެ ފިލްމުތައް ދިނުމުން، ވަރަށް ރީއްޗަށް ނަންޖަހައި، ނޫސްތަކުން ފޮޓޯތައް ކަފައި، ކަވަރުތަކުގައި ފޮޓޯތައް ތަތްކޮށްގެން ގެންގުޅުނީމެވެ. އެ ދުވަސްވަރު އެންމެ ދެރަވި އެއް ހާދިސާއަކީ "ޒަމާނާ ދީވާނާ" ކިޔާ ފިލްމެއްގެ ޓޭޕުގައި ފުސް ޖަހާފައި ވަނިކޮށް، ވީ.ސީ.އާރު ތެރެއަށް ލައްވައިގެން އުޅެނިކޮށް ކާފައަށް ފެނިގެން ހިތްހަމަނުޖެހުނު ދުވަހެވެ. އޭރު ކެސެޓުތަކުގައި ފުސް ޖެހުމުން އެ ސާފުކުރުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. ދެކޮޅަށް ޓޭޕު އޮޅަމުން، ފުސް ކަހަން އެތައް އިރެއް ވަންދެން ތިބެންޖެހެއެވެ. ދެން އަޅާނީ ކޮންމެސް ސޮލިއުޝަން ފުޅިއެކެވެ. މި ވާހަކަތައް މިއަދު ދައްކާއިރު ހިނިވެސް އާދެއެވެ.

މީގެއިތުރުން މާމައަކީ ފޮތް ކިޔުމަށް ނުހަނު ލޯބިކުރި ފަރާތަކެވެ. ގޭގައި ހުންނަ ކުޑަ ފޮތް އަލަމާރި އަބަދުވެސް އޮންނަނީ އެކި ކަހަލަ ވާހަކަފޮތްތަކުން ފުރިފައެވެ. ނަމަވެސް، އޭރު ޢަރަބި އަދި ދިވެހި ބަސް އެއްކޮށްގެން ލިޔެފައި ހުންނަ ވާހަކަތައް ކިޔުމަކީ ވަރަށް އުނދަގޫ ކަމަކަށް ވިއެވެ. އެހެން އުޅެނިކޮށް، ފަހުގެ ވާހަކަ ފޮތެއް އަތުގައި ޖެހުނެވެ. އެއީ މިހާތަނަށް ކިޔުނު އެންމެ ފުރިހަމަ އެއް ބިރުވެރި ވާހަކަ ކަމުގައިވާ، ނަހުލާގެ "މަންޖެ" އެވެ.

މާމަގެ ފޮތް އަލަމާރި އާއި އެ އަލަމާރީގައި ހުރި ބައެއް މަޝްހޫރު ވާހަކަ ފޮތްތައް.
މާމަގެ ފޮތް އަލަމާރި އާއި އެ އަލަމާރީގައި ހުރި ބައެއް މަޝްހޫރު ވާހަކަ ފޮތްތައް.

އެ ދުވަސްވަރު ރަށުގައި ޑިޝް އެންޓަނާ ހުންނަނީ އެންމެ ދެތިން ގެއެއްގައެވެ. އެ ގެތަކަށް ގޮސް އެންމެ ފޯރިއާއެކު ބަލަމުން ދިޔައީ "އަލިފް ލައިލާ" ސީރީސްއެވެ. އޭގެ ތެރެއިން ވެސް އެންމެ ކަމުދިޔައީ "ޑާޔަން" އެއް އުޅޭ ބައެކެވެ. މި ހުރިހާ ކަމަކުން ވެސް އެންމެ ހިތްދަމައިގަންނަ "ޖޯންރާ" އަކީ ބިރުވެރި އުފެއްދުންތައްކަން ޔަޤީންވިއެވެ. އެ ދުވަސްވަރު ޓީވީން ދައްކާ ހިންދީ ޑްރާމާ ސީރީސްތައް ވީޑިއޯ ކެސެޓަށް ރެކޯޑުކޮށްގެން މާލެއިން ގަވާއިދުން ރަށަށް ފޮނުވަމުން ދިޔައެވެ. "ޝްޝްޝް ކޮއި ހޭ"، "ހާތިމް" އަދި ސޮނީގެ "އާތްމާ" ފަދަ ސީރީސްތަކާއި، "ކުމްކުމް"، "ކަސޯޓީ ޒިންދަގީކޭ" އަދި "ކަހީ ތޯ ހޯގާ" ފަދަ މަޤްބޫލު ސީރީސްތައް ވެސް ބެލީމެވެ. އެ ސީރީސްތަކުގެ ކެސެޓުތައް ހޯދުމަށް އެދި އޭރު ރަށުގައި ބޮޑު ކިޔުއެއް އޮވެއެވެ. އެހެންކަމުން، ގޭގައި އެ ކެސެޓުތައް 5 ރުފިޔާއަށް ކުއްޔަށް ދޫކުރަމުންދިއައެވެ. އެއީ މާ ބޮޑު މާލީ ފައިދާއެއް ހޯދުމުގެ ބޭނުމަކު ނޫނެވެ. އަލުން ރެކޯޑުކުރަން ބޭނުންވާ ހުސް ކެސެޓު ގަތުމަށްޓަކައި، މަންމަމެން ކުޑަ ލާރިކޮޅެއް އެއްކުރަންވެގެން ކޮށް އުޅުނު ކަމެކެވެ.

އޭރު އެންމެ ބެލުނު ދެ ހިންދީ ސީރީސް ތެރޭގައި ހިމެނޭ "އަލިފް ލައިލާ" އަދި "ކަސޯޓީ ޒިންދަގީ ކޭ"
އޭރު އެންމެ ބެލުނު ދެ ހިންދީ ސީރީސް ތެރޭގައި ހިމެނޭ "އަލިފް ލައިލާ" އަދި "ކަސޯޓީ ޒިންދަގީ ކޭ"

އެންމެ ފުރަތަމަ ފިލްމު ޝޫޓިންގ އެއް ބަލާލަން ލިބުނީ 1997 ވަނަ އަހަރު އަމްޖޭ ޑައިރެކްޓުކުރި "ލޯބީގެ އަނިޔާ" ގެ ބައެއް މަންޒަރުތައް ރަށުގައި ނެގިއިރުއެވެ. އަޅުގަނޑުމެން ރަށަށް ނިސްބަތްވާ ބަތަލާ ނިޝާގެ އިތުރުން ސަބާހް އަދި ޖަމްޝީދާމެން ވެސް އައިސް އުޅުނެވެ. ރަށަށް އޮތީ ފާޑެއްގެ އީދެއް އައިއްސައެވެ. އެ މަންޒަރުތައް ނަގާތަން ބެލުމަށް ކުޑަބޮޑު އެންމެން ޖަމާވެއެވެ. ފެންވަރާ ކައި، ތިއްތިވެގެން އައްޕައިތަމެނާއެކު އެ މަންޒަރުތައް ނަގާތަން ބަލަން އަޅުގަނޑު ވެސް ގޮސް އިންނަމެވެ. އޭރު ވާނީ ހަ ވަރަކަށް އަހަރެވެ.

ހަނދާންވާ ގޮތުން އެދުވަހު ޝޫޓިންގ ބަލަން ދާން ރެޑީވެގެން ބޮޑުދައިތަ މެންގެއަށް ގޮސް ކަނީ، އެންމެ ފުރަތަމަ ފެނުނު ޝޫޓިންގ (ފިލްމުގައި ހިމެނޭ "ސާހިބާ" ލަވައިގެ މަންޒަރެއް) އަދި އެ ފިލްމުގެ ޕޯސްޓަރ.
ހަނދާންވާ ގޮތުން އެދުވަހު ޝޫޓިންގ ބަލަން ދާން ރެޑީވެގެން ބޮޑުދައިތަ މެންގެއަށް ގޮސް ކަނީ، އެންމެ ފުރަތަމަ ފެނުނު ޝޫޓިންގ (ފިލްމުގައި ހިމެނޭ "ސާހިބާ" ލަވައިގެ މަންޒަރެއް) އަދި އެ ފިލްމުގެ ޕޯސްޓަރ.

ދެން އައީ ވައިޓޫކޭ ދުވަސްވަރެވެ. ރާއްޖޭގެ ނޫސްތަކާއި ބޭރުގެ ނޫސްތައް ޝައުގުވެރިކަމާއެކު ކިޔައި ހެދީމެވެ. ބައެއް މަޖައްލާތައް މާލޭގައި އުޅޭ ތުއްތަ ވެސް ދިޔައީ ގެއަށް ފޮނުވަމުންނެވެ. "އުދަރެސް"، "ހުވާސް" ފަދަ ނޫސްތަކަކީ އޭރުގެ ފޭވަރިޓެކެވެ. އަދިވެސް އެޒަމާން އެނބުރި އަންނާނެ ނަމައޭ ހިތަށް އަރައެވެ. އައްޕައިތަ (ބައްޕަ ފަރާތު ބޮޑުދައިތަ)ގެ ދަރިއެއް ކަމަށްވާ ބޮޑޭ އަކީ ވެސް ނިކަން ފިލްމުތަކާއި ސީޑީތައް ގެންގުޅުނު މީހެކެވެ. އޭރު ދެން ބޮޑޭ މެންގެއިން ބެލުނު ފިލްމުތަކުގެ ތެރެއިން "ރާޒް"، "ދިލްހޭ ތުމްހާރާ"، "ކަލްހޯ ނާހޯ" ފަދަ ފިލްމުތައް ފާހަގަކޮށްލެވެއެވެ. ހަމައެއާއެކު، 2000 ވަނަ އަހަރު ދިވެހި ފިލްމުތަކެއް ރަށަށް ގެނެސް ސްކޫލްގައި އެޅުވިއެވެ. އެއީ "ނަމޫނާ"، "ހިތްހަލާކު"، "ސާހިބާ"، "ޒަލްޒަލާ" "އާހު"، ފަދަ ފިލްމުތަކެވެ. ރަށަށް ހީވީ ފިލްމު ފެސްޓިވަލެއް އައިސްގެން އުޅުނު ހެންނެވެ. ކިތަންމެ ކުޑަޔަސް، ހިތްއޮތީ މަރުޙޫމް ނިމާލްގެ ފިލްމު "ޒަލްޒަލާ" ބަލަން ދާހިތުން ކެތްމަދުވެފައެވެ. ބިރުވެރި ފިލްމެއް ވީމައެވެ. ހޭރި، ވެއްޓި، ފުރޮޅި އާދޭސްކޮށް، ބޮޑާހާކައިގެން މަންމަމެން ގާތުން ހުއްދަ ލިބިގެން ގޮސް އެ ފިލްމަށް ވެސް ވަދެއްޖައީމެވެ. ގަޔާވީ ވަކި ވަރަކަށް ނޫނެވެ. އަދިވެސް އެއީ ބިރުވެރި ދިވެހި ފިލްމުތަކުގެ ތެރެއިން ފޭވަރިޓެވެ. އެރޭ ޝޯ އަޅުވައިގެން ކުރިއަށްދަނިކޮށް، ޝަމީލް ގެއިން ނުކުމެގެންދާ މަންޒަރުގައި އެތާ ބަހައްޓާފައިހުރި ސްޕީކަރުތައް ވެއްޓިގެން މީހުންތައް ހަޅޭއްލެވި ހަނދާން އަދިވެސް ހުރެއެވެ.

ރަށުގައި ވަރަށް ބޮޑަށް މަޝްހޫރުވި ދިވެހި ފިލްމު "އާހު" އަދި އަޅުގަނޑަށް އެންމެ ކަމުދިއަ އެއް ބިރުވެރި ފިލްމު "ޒަލްޒަލާ" ގެ ޕޯސްޓަރެއް.
ރަށުގައި ވަރަށް ބޮޑަށް މަޝްހޫރުވި ދިވެހި ފިލްމު "އާހު" އަދި އަޅުގަނޑަށް އެންމެ ކަމުދިއަ އެއް ބިރުވެރި ފިލްމު "ޒަލްޒަލާ" ގެ ޕޯސްޓަރެއް.

ބައްޕައަކީ ވަރަށް މިއުޒިކަށް ލޯބިކުރާ ފަރާތެކެވެ. ބައްޕަމެންގެ ދ.ރިނބުދޫ، "ހަނދުވަރުދޭގެ" އަކީ އޭރު ފޯރިގަދަ ޝޯތައް އޮންނަ ގެއެކެވެ. ބައްޕައަކީ ޕިއާނޯ ޕްލެޔަރއެވެ. ބައްޕަ އޭރު ގިނައިން އުޅޭނީ މާލެ އައިސް އެކި މަސައްކަތުގައެވެ. އެގޮތުން، 2001 ވަނަ އަހަރު އަޅުގަނޑުގެ ނަން ހިމެނޭހެން، ވިޝާމް ވަލީދުގެ "ހިއްސާ" ކިޔާ އަލްބަމެއް ނެރުނެވެ. ހުރިހާ ލަވައެއް ވެސް މަޝްހޫރު މި އަލްބަމް ވެގެން ދިޔައީ ރަށުގެ ބޮޑު ފަހުރަކަށެވެ. ކޮންމެ ގެއެއްގައި ހެން މި އަލްބަމްގެ ކެސެޓުތައް ގެންގުޅުނެވެ. އެންމެ މަޝްހޫރުވި އެއް ލަވަ ކަމުގައިވާ "ކޮށްލީ މަގޭ ހިތް ހަލާކު" އަށް ވީޑިއޯ ލަވައެއް ހަދަން ބައްޕަ ނިންމިއެވެ. އެވެސް، އަޅުގަނޑުގެ ފޭވަރިޓް އެކްޓްރެސް ޝިރާނީ ހިމަނައިގެންނެވެ. އެ ލަވައިގެ ފިރިހެން ތަރިއެއްގެ ގޮތުގައި ފެނިގެންދިޔައީ އަޅުގަނޑު ތިމާގެ ބޭބެއެކެވެ. އޭރުގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒްއާ އެ ބޭބެ ވައްތަރުވެގެން އޭރު ވަރަށް ގިނަ މީހުން އުޅޭނެއެވެ. ކޮންމެއަކަސް މި ލަވަ އެއަރ ކުރީ ހުކުރު ދުވަހެއްގެ ހެނދުނު "ފިލްމީ އުދަރެސް" ޕްރޮގްރާމުންނެވެ. ރަށު އެންމެންހެން އެ ލަވަ ބެލުމަށް ޓީވީތައް ދޮށަށް އެއްވި ހަނދާން އަދިވެސް އެބަހުއްޓެވެ. ބައްޕަގެ އެ ފަންނީ މަސައްކަތް ފެނި، އަޅުގަނޑު ހިތުގައި ވެސް ކޮންމެވެސް ދުވަހަކުން އެންމެ ފިލްމެއް ނަމަވެސް އަމިއްލައަށް އުފައްދާނަމޭ ހިތަށްއެރިއެވެ.

ބައްޕަ އުފެއްދި "ހިއްސާ" އަލްބަމްގެ ކަވަރާއި ކެސެޓު.
ބައްޕަ އުފެއްދި "ހިއްސާ" އަލްބަމްގެ ކަވަރާއި ކެސެޓު.

2003 ވަނަ އަހަރުގެ ހިންދީ ފިލްމު "އަންދާޒް"ގެ ލަވައެއް ފުރަތަމަ ފަހަރަށް އަޑުއިވުނީ ރަށު އަތިރިމަތީ ހުރި ދިއްގާ ގަހަކަށް އަރައި އޮއްވައެވެ. އެއީ މާލެ ދަތުރުކުރާ "ނިޔާމަ" ބޯޓު ރަށު ނެރު ބޭރުގައި އޮވެގެން އެ ލަވަ ޖެހުމުންނެވެ. ދެން އެލަވައެއް ހޯދުމަށް އެތައް މަސައްކަތެއް ކޮށްގެން އެ ފިލްމެއް ވެސް އެންމެ ފަހުން ފެންނަގޮތް ވެއްޖެއެވެ. އޭގެ ފަހުން ޕްރިޔަންކާގެ މާބޮޑު ފޭނަކަށް ވެއްޖެއެވެ. ކޮންމެއަކަސް، 2004 ވަނަ އަހަރު ޑިސެންބަރުގައި ރަށް ދޫކޮށް މާލެއަށް ކިޔަވަން ބަދަލުވެއްޖައީމެވެ. ރަށް މަތިން ކިތަންމެ ހަނދާންވިއަސް، އައު ހިތްވަރެއްލާ މާލޭގައި ކިޔަވަން ފެށީމެވެ. އޭރު އުމުރުން 12 އަހަރެވެ. ސްކޫލުގައި އުޅުނުއިރު އިންޓަވަލްއަށް ލިބޭ ލާރިކޮޅުވެސް އެއްކޮށްގެން "އެލް ޒޯން"، "ސްޓެޕް އިން" ފަދަ ތަންތަނަށް ގޮސް ގަނެލަނީ ލަވަ އާއި ފިލްމު ސީޑީތަކެވެ. ނުވަތަ އަސްރަފީ އިން "ފިލްމުފެއަރ" ފަދަ މެގަޒިންއެކެވެ. އަދި ޕްރިޔަންކާގެ ހުރިހާ މަސައްކަތެއްހެން ބެލޭތޯ ވެސް ބަލަމެވެ. މިކަންތައް ބޮޑުވެގެން ސްކޫލްގައިވެސް އެހެންކިޔާ ގޮވަން ފެށިއެވެ. ހިތަށް އެރިއެވެ. އަދި އޭނައާ ބައްދަލުކޮށްފައި މި މީހުނަށް ދައްކާނަމެވެ. އެކަންތައް ވެސް 2017 ވަނަ އަހަރު ނަސީބަކުން ވެއްޖެއެވެ.

އަންދާޒް (2003) ގެ ޕޯސްޓަރ، އަދި 2017 ވަނަ އަހަރު ޕްރިޔަންކާއާ ދިމާވި ދުވަހުގެ ފޮޓޯއާއި އޭނައަށް ދިން ހަދިޔާ ބަލައި ސިޓީ ކިޔުމަށްފަހު އަޅުގަނޑު ޓެގްކޮށްފައި ކުރި ޓުވީޓް.
އަންދާޒް (2003) ގެ ޕޯސްޓަރ، އަދި 2017 ވަނަ އަހަރު ޕްރިޔަންކާއާ ދިމާވި ދުވަހުގެ ފޮޓޯއާއި އޭނައަށް ދިން ހަދިޔާ ބަލައި ސިޓީ ކިޔުމަށްފަހު އަޅުގަނޑު ޓެގްކޮށްފައި ކުރި ޓުވީޓް.

ދެން އައީ އިންޓަނެޓްގެ ޒަމާނެވެ. އަލަށް ނުކުންނަ ކޮންމެ ފިލްމެއްގެ އޯޑިއޯ ލަވަތައް ޑައުންލޯޑުކޮށް ސީޑީތަކަށް އަޅައިގެން ގޮސް ޗުއްޓީގައި ރަށުގައި ޖަހަމަވެ. މީޑިއާނެޓުގެ ސަބަބުން ރަށަށް ނުފެންނަ އެތައް ޗެނަލްތަކަކާއި ޕްރޮގްރާމްތަކެއް މާލެއިން ފެންނަން ފެށިއެވެ. އޭރު އަޅުގަނޑު ކިޔަވަން ހުންނަނީ މަންމަ ފަރާތު ބޮޑުދައިތަ (ދޮންދައްތަ) ގެ ފިރިމީހާގެ ގޭގައެވެ. އެވެސް، ވަރަށް ފިލްމުތަކާއި ޓީވީ ޕްރޮގްރާމްތައް ބަލައި އުޅުނު ގެއެކެވެ. ރަށުގަ އުޅޭ ރައްޓެހިންނަށް މި ޕްރޮގްރާމްތަކާ، ޓީވީއިން އަންނަ ފިލްމުތަކާއި ލަވަތައް ދައްކަން ބޭނުންވާތީ، ކެސެޓުތަކަށް ރެކޯޑުކުރަން ފެށީމެވެ. ލޭންޑްލައިން ފޯނާއި ސިޓީތަކުން އެމީހުނަށް ޚަބަރުތައް ދެމުން ދިޔައީމެވެ. ޗުއްޓީއަށް އޭރު ރަށަށް ގޮސް ކޮންމެ ރެއަކު ބައްޕަ ގެންގުޅުނު ޕްރޮޖެކްޓަރުން އެމީހުނަށް ފިލްމުއަޅުވައިދީ ހަދަމަވެ. ގޭގެ ފުރަތަމަ ފަންގިފިލާގައި އިންނަ އެ ކޮޓަރި ވެފައި އޮންނަނީ ކުޑަ ސިނަމާއަކަށެވެ. މިހެން އުޅެނިކޮށް މުޅިން އަލަށް އޮލިމްޕަހަށް ވަދެލަން ލިބުނެވެ. އެއީ އެތާ މަސައްކަތްކުރާ އަޅުގަނޑުގެ ތިއްތިބެ (މަންމަފަރާތު ބޮޑުބޭބެ) ދިން ފުރުސަތެކެވެ. ތިމާގެ ކޮއްކޮއަކާ އެކީ ފުރަތަމަ ދެވުނީ ހަވީރު އޮތް ނަހުލާގެ "ޒުލޭހާ"ގެ ކުޑަކުދިންގެ ޝޯއެއް ބަލާށެވެ. އޮލިމްޕަހަށް ވަދެ އެތަނުގެ ބޮޑުކަމާއި ހައިބަތު ފެނި އާޝޯހުވެފައި އިނދެވުނެވެ. ނަމަވެސް، އެއީ ކުޑަކުދިންގެ ޝޯއަކަށް ވާތީ، އެންމެ ބަލާހިތުން ހުރި ޝީލާއާ ޔޫއްޕެގެ ޒުވާބުވެސް އުނިކޮށްފައި އޮތުމުން ކަމަކު ނުދިއައެވެ. ކުޑަޔަކަސް، ބޭނުންވީ މުޅި ފިލްމު ބަލާށެވެ.

ދެން އޮލިމްޕަހަށް ދާން ފެށުނީ 2009 ވަނަ އަހަރުގެ ފަހުންނެވެ. އޭރުވެސް އެންމެ ބޮޑު ޝައުޤުވެރިކަމެއް އޮންނަނީ ދިވެހި ބިރުވެރި ފިލްމުތަކަށެވެ. އަބަދުވެސް އަޅުގަނޑު ކިޔާ އެއްޗެކެވެ. ބޮލީވުޑް ވެއްޖެއްޔާ އުޅޭނީ ކޮންމެސް "އާތުމާ"އެކެވެ. ހޮލީވުޑް ވެއްޖެއްޔާ "ހައުންޓެޑް ހައުސް" އެކެވެ. އަހަރެމެން މި ގަބޫލުކުރާ ޖިންނި ޝައިތާނުންގެ ކަންތައް ކިރިޔާވެސް ފެންނަނީ ދިވެހި ފިލްމުތަކުން ކަމަށް ވާތީ އެއާ މާ ގަޔާވެއެވެ. އެގޮތުން، ހާމިދުގެ "އުދަބާނި" އަދި ފައްތާހުގެ "ޖިންނި" ފަދަ ފިލްމުތައް ބަލަން ހަތަރު ފަސް ފަހަރު ސިނަމާއަށް ދެވުނެވެ. އެއީ ރައްޓެހިންނާއެކު އުފާވެރި މަޖާ ވަގުތުތަކެއް ހޭދަކުރެވުނު ދުވަސްވަރެކެވެ. ދެން މި ވަނީ " ފޭސްބުކް" އަށެވެ. ފޭސްބުކްގެ ޒަރީއާއިން އޭރު ބަލަމުން އައި ފިލްމުތަކުގެ ރަނގަޅު ކަންކަމާއި ގޯސް ކަންކަން ފާހަގަކޮށް، ރިވިއުތައް ލިޔަން ފެށީމެވެ. ނަމަވެސް، ކަންތައް ވެގެންދިޔައީ ހީކުރި ގޮތަކަށް ނޫނެވެ. ކޮމެންޓުތަކުގައި އެމީހުންގެ މީހުން އެއްޗެހި ކިޔަން ފެށުމުގެ އިތުރުން، ދާއިރާގެ ބައެއް ފަރާތްތަކުން ގުޅައި އިންޒާރުވެސް ދޭން ފެށިއެވެ. އޭރު އަދި ކޮލެޖުގައި ކިޔަވަމުންދިއަ ޅަ ދުވަސްވަރު ކަމުން، ވީ ފޫއްސަކުން ދިވެހި ފިލްމުތަކަށް ރިވިއު ލިޔުން މުޅިން ހުއްޓާލީމެވެ.

އެހެންނަމަވެސް، އޭގެ ތަންކޮޅެއް ކުރިން 2010 ވަނަ އަހަރުގެ ދިވެހި ފިލްމު "ފަނާ" އަށް އަޅުގަނޑު ލިޔުނު ރިވިއުއަކާ ގުޅިގެން، އެއަށް ތައުރީފުކޮށް، ފިލްމީ ތަރި ރިޝްމީ ފޭސްބުކުން މެސެޖެއް ފޮނުވިއެވެ. އެންމެން ފާޑުކިޔައި ނުރުހުން ފާޅުކުރަމުން ދިޔަ ވަގުތެއްގައިވެސް، އެ ލިޔުން ބަލައިގަންނާނެ މީހަކު ހުރިކަން އެނގުމުން ވަރަށް އުފާވިއެވެވެ. ރިޝްމީއާ ރަހުމަތްތެރިކަން އުފެދުނީވެސް އެ ހިސާބުންނެވެ. އޭގެ ފަހުން، ނުކުންނަ ކޮންމެ ފިލްމެއް ބަލައި ފޭސްބުކްގައި ނުލިޔުނު ކަމުގައި ވިއަސް، އެ ފިލްމުތަކާ މެދު ޚިޔާލު ބަދަލުކޮށް މަޝްވަރާކޮށްލާނެ ބަޔަކު ތިއްބެވެ.

ދިވެހި ފިލްމު ފަނާ (2010) ގެ ޕޯސްޓަރ އަދި އެއަށް ލިޔުނު ރިވިއުއާ ގުޅިގެން ބަތަލާ ރިޝްމީ ފޮނުވި މެސެޖު.
ދިވެހި ފިލްމު ފަނާ (2010) ގެ ޕޯސްޓަރ އަދި އެއަށް ލިޔުނު ރިވިއުއާ ގުޅިގެން ބަތަލާ ރިޝްމީ ފޮނުވި މެސެޖު.

ދުވަސްތައް ފާއިތުވަމުން ގޮސް، 2013 ވަނަ އަހަރު ޗުއްޓީއަށް ރަށުގައި ހުއްޓައި ރިޝްމީ ގުޅައިފިއެވެ. ހަމައެކަނި ބުނީ ތިމަންނައަށް އެވޯޑެއް ލިބޭ ވަރުގެ ވާހަކައެއް ލިޔެދީބަލާށޭއެވެ. ބާކީ ދޫކޮށްލީ އަޅުގަނޑަށެވެ. ރިޝްމީގެ ހުނަރު އޭރު އަޅުގަނޑަށް އޮތީ ފެނިފައެވެ. ބަބްލީ، ނުވަތަ ލޯބީގެ ރޯލުތަކަށްވުރެ ސީރިއަސް ރޯލުތަކަށް ރިޝްމީ މާ ކުޅަދާނަކަން ފާހަގަވިއެވެ. އެގޮތުން، ސީޒަންގެ "އިންސާނާ" އަކީ އަޅުގަނޑަށް އޭނަގެ އެންމެ މޮޅު އެއް ޕަފޯމެންސެވެ. ކޮންމެއަކަސް، ވާހަކައެއް ލިޔެފައި ދީފީމެވެ. އެއީ މިހާރު ތި ހުރިހާ ބޭފުޅުން ވެސް ދަންނަ ދިވެހި ފިލްމު "ވިޝްކާ" ގެ ވާހަކައެވެ. އެ ނަން އެއީ އެންމެ ކުޑަ ކޮއްކޮއަށް ދޭން އޭރު އަޅުގަނޑު ބުނި ނަމެކެވެ. އެކަމަކު މަންމަ ބުނީ ހީވަނީ "ކާ" އެއްޗެއް ހެންނޭއެވެ. ދެން ކޮއްކޮއަށް ކީ އެހެން ނަމެކެވެ. އެހެންވެ ފުރުސަތެއް ލިބުމުން އެ ނަން އަލުން ބޭނުންކޮށްލީއެވެ. އޭރު އަޅުގަނޑަށް ސްކްރިޕްޓް ލިޔާކަށް ނޭނގެއެވެ. ސްކްރިޕްޓެއް ނުވެސް ދެކެމެވެ. އެހެންކަމުން، އެވާހަކަ ސްކްރީންޕްލޭއަކަށް ބަދަލުކުރުމުގެ މަސައްކަތާ ހަވާލުވީ މަހުދީއެވެ. މަހުދީގެ "އެޓޮލްސް" ޑްރާމާތައް ކަމުގައިވާ "އަބަދަށް"، "ތައުބާ"، އަދި "ވާރޭ" ފަދަ ޑްރާމާތައް އަޅުގަނޑަށް އޭރުވެސް ވަރަށް ކަމުދެއެވެ. މަހުދީ އެ ވާހަކަ ކިޔުމަށްފަހު، އަމިއްލައަށް ގުޅައި ވާހަކަ ވަރަށް ފުރިހަމަކަމަށް ބުނުމުން ވަރަށް އުފާވިއެވެ. އެއަށްފަހު ފިލްމު ހެދުމާއި ހަމައަށް ވެސް އެންމެން މަސައްކަތްކުރީ ޓީމެއްގެ ގޮތުގައެވެ. އެ ފިލްމަކީ ވެސް ދުވަހަކު ހަނދާން ނައްތާ ނުލެވޭނެ އެތައް ގޮންޖެހުންތަކަކާއި ދަތިތަކެއް ކުރިމަތިވި ފިލްމެކެވެ. ނަމަވެސް، މީހަކަށްވީ ވައުދެއް ފުއްދާދެވުމުން ވަރަށް އުފާވިއެވެ. ދިވެހި ފިލްމު އެވޯޑަކަށް އަމާޒުހިފައިގެން ރިޝްމީ ފެށި މި މަސައްކަތް ކާމިޔާބުވެގެން ދިޔައީ ދިވެހި ފިލްމު އެވޯޑުގެ އިތުރުން، ސާކް ފިލްމު ފެސްޓިވަލްގެ އެންމެ މޮޅު ބަތަލާގެ އެވޯޑުވެސް އޭނާއަށް ހާސިލުވެގެންނެވެ. އަލްޙަމްދުލިﷲ އެވެ. މި ފިލްމުން އަޅުގަނޑަށް ދިވެހި ފިލްމު އެވޯޑު 2019 ގައި ލިބުނީ "އިޝާން" އަދި "އެމް.ޕީ މަނިކު" ގެ ކެރެކްޓަރ އަށް ކޮސްޓިއުމް ޑިޒައިން ކޮށްދީގެން "ބެސްޓު ކޮސްޓިއުމް ޑިޒައިނަރ"ގެ އެވޯޑެވެ.

ދިވެހި ފިލްމު ވިޝްކާ (2017) ގެ ދުވަސްވަރު ނަގާފައިވާ ބައެއް ފޮޓޯތައް. މި ވާހަކަ ޓައިޕް ކުރުމުގެ ކުރިން ވާހަކައިގެ އަސްލު ފުރަތަމަ އެކުލަވައިލީ އަތުލިޔުމުން.
ދިވެހި ފިލްމު ވިޝްކާ (2017) ގެ ދުވަސްވަރު ނަގާފައިވާ ބައެއް ފޮޓޯތައް. މި ވާހަކަ ޓައިޕް ކުރުމުގެ ކުރިން ވާހަކައިގެ އަސްލު ފުރަތަމަ އެކުލަވައިލީ އަތުލިޔުމުން.

ދެން ގެއްލުނީ ހެއްޔެވެ؟ ނޫނެކެވެ. އެ ފިލްމަށްފަހު ވެސް ލިޔުމުގެ އިތުރު ފުރުސަތުތައް ލިބުނެވެ. ނަމަވެސް، އެ ދުވަސްވަރު ލިޔުންތެރިކަމަށް ކޮންމެވެސް ވަރެއްގެ ފޫހިކަމެއް އައެވެ. އެއީ ކުރަންޖެހޭ ބުރަ މަސައްކަތާއި ހޭދަވާ ގިނަ ވަގުތާ އަޅާބަލާއިރު ލިބޭ އުޖޫރަ ކުޑަކަމަށް ޤަބޫލުކުރެވުމުންނެވެ. ލިޔެދިން ބައެއް އުފެއްދުންތަކަށް މިއަދާ ހަމައަށްވެސް އެއްވެސް އުޖޫރައެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން، މި ދާއިރާއާ ކޮންމެވެސް ވަރަކަށް ދުރުވެލީމެވެ. އޭގެ ފަހުން، 2014 ވަނަ އަހަރު އަޅުގަނޑު ވަޒީފާ އަދާކުރާ މުއައްސަސާ ތަމްސީލުކުރުމަށްޓަކައި އޮފީސްތަކުގެ ރޭޑިއޯ ޑްރާމާ މުބާރާތުގައި ބައިވެރިވީމެވެ. މަދު މުވައްޒަފުންކޮޅަކާއެކު ފެށި މި މަސައްކަތަށް ބޮޑު ތަރުޙީބެއް ލިބިގެންދިޔުމާއެކު، ކޮންމެ އަހަރަކުވެސް އެ މުބާރާތުގައި ބައިވެރިވާން ފެށުނެވެ. އެގޮތުން، އެތައް މުއައްސަސާއަކުން ބައިވެރިވި މި މުބާރާތުން އެންމެ މޮޅު ލިޔުންތެރިޔާ، އެންމެ މޮޅު ޕްރޮޑިއުސަރު އަދި އެންމެ މޮޅު ޑްރާމާގެ އެވޯޑު ދެތިން އަހަރަކު އަޅުގަނޑުމެންގެ އޮފީހަށް ކާމިޔާބުކޮށްދެވުނެވެ. އަދި އެ ދުވަސްވަރު އެކި މުއައްސަސާތަކަށް ޓީވީ ޑްރާމާތައް ލިޔެދިނުމުގެ އިތުރުން، ޕީ.އެސް.އެމް އަށް ރޭޑިއޯ ސިލްސިލާ ޑްރާމާތައްވެސް ލިޔެދިނީމެވެ. މި ހުރިހާ މަސައްކަތަކަށްވެސް އާންމުންގެ ފަރާތުން ވަރަށް ފުރިހަމަ ތަރުހީބެއް ލިބިގެންދިޔައެވެ. އޮފީހުން ވެސް އަޅުގަނޑުގެ ހުނަރު ބަލައިގަނެ ފުރުސަތުތައް ފަހިކޮށްދިނެވެ. އެގޮތުން އަޅުގަނޑުގެ ފުރަތަމަ ޑައިރެކްޝަނަކީ، އޮފީހުގެ ފަރާތުން އެންމެ ފުރަތަމަ އުފެއްދި ރަސްމީ ލަވަ ކަމަށްވާ "އިމިގްރޭޝަންގެ ވިންދު" އެވެ. 2017 ވަނަ އަހަރު ނެރުނު މި ލަވައިގެ މަސައްކަތުގައި، ޓީވީއެމްގެ އެންމެ ގާބިލް މީހުނާއެކު މަސައްކަތްކޮށްލަން ލިބުމީ އެތައް ކަމެއް ދަސްވި ތަޖުރިބާއެކެވެ. އޭގެފަހުން، އޮފީހުގެ މީޑިއާ އެންޑް ޕީއާރު ޑިވިޜަންގައި މަސައްކަތްކޮށް، އެތައް ވީޑިއޯއަކާއި އެޑްތަކެއް މިހާތަނަށް އައިރު ތައްޔާރުކޮށް ދެވިފައިވާނެއެވެ.

ފުރަތަމަ ޑައިރެކްޝަން "އިމިގްރޭޝަން ވިންދު" ލަވައިގެ މަންޒަރުތައް ނަގަން އުޅުނުއިރުގެ ފޮޓޯތަކާއި، ރޭޑިއޯ ޑްރާމާ މުބާރާތް ދުވަސްވަރުގެ ފޮޓޯތައް އަދި ލިޔެފައިވާ ބައެއް ޑްރާމާތަކުގެ ޕޯސްޓަރ.
ފުރަތަމަ ޑައިރެކްޝަން "އިމިގްރޭޝަން ވިންދު" ލަވައިގެ މަންޒަރުތައް ނަގަން އުޅުނުއިރުގެ ފޮޓޯތަކާއި، ރޭޑިއޯ ޑްރާމާ މުބާރާތް ދުވަސްވަރުގެ ފޮޓޯތައް އަދި ލިޔެފައިވާ ބައެއް ޑްރާމާތަކުގެ ޕޯސްޓަރ.

ދެން މިހާރުގެ މި އުފެއްދުމުގެ ވާހަކައަށް ޖެހިލަމާ ހިނގާށެވެ. މި މަސައްކަތް އަސްލު ފެށުނީ 2014 ވަނަ އަހަރުގައެވެ. ލިޔާއިރު އަބަދުވެސް އެންމެ އިސްކަމެއް ދެނީ، މިއީ ދިވެހި ބެލުންތެރިންނަށް އުފައްދާ ފިލްމެއްކަމާއި އެމީހުން ގަބޫލުކުރާނެ ފަދަ ކަންކަން ހިމެނުމަށެވެ. ވަކި ނަމެއް އޭރު ދެވިފައި ނުވާ މި ޕްރޮޖެކްޓަށް ވަރަށް ރިސާޗުކޮށް، އެތައް ފޮތެއް ކިޔައި، އެތައް މީހުނާ ވާހަކަދައްކައި، އެތައް ވަގުތެއް ހޭދަކުރީމެވެ. ފަހުން "ވފތ" މި ނަން ބަސްފޮތުން ފެނިގެން ވަރަށް ކަމުދިއައެވެ. އަމިއްލައަށް ހޯދި މައުލޫމާތުންނާއި އެކި ފަރާތްތަކުން ހިއްސާކުރި ހާދިސާތަކާއި އަމިއްލަ ދިރިއުޅުމުގައި ދިމާވި އެތައް ކަމެއް ހިމަނައިގެން މުޅި ސްކްރިޕްޓް ލިޔެ ފުރާލީމެވެ. ނަމަވެސް، 200 އެއްހާ ސަފްހާގެ މި ސްކްރިޕްޓް ލިޔެ ނިމުނުއިރު ފިލްމު އުފެއްދުމަށް ބޭނުންވާ ބަޖެޓެއް ނެތްކަން އެނގުނެވެ. އެހިސާބުން ވަރަށް ދެރަވެ މާޔޫސްވިއެވެ. ކުރި ހުރިހާ މަސައްކަތެއް މިވީ ފެނަށްބާއޭ ހިތަށް އެރިއެވެ. އޭރު ދާއިރާގެ ބައެއް މީހުނާ މި ޕްރޮޖެކްޓްގެ ވާހަކަ ވެސް ދެކެވުނެވެ. ނަމަވެސް މިއީ ކުރިއެރުމެއް ނުލިބި، މަސައްކަތުގެ އެއްވެސް އުޖޫރައެއް ވެސް ނުލިބި ބޮޑު ފޮށީގައި ފޮރުވާފައި ބާއްވަން ޖެހުނު މަސައްކަތަކަށް ވީއެވެ. އާންމުކޮށް އަޅުގަނޑަކީ އަމިއްލައަށް ލިޔާ އެއްޗަކާމެދު ފަސޭހައިން ހިތްހަމަޖެހޭ މީހެއް ނޫނެވެ. އެހެންނަމަވެސް، މި ސްކްރިޕްޓް ލިޔުނުއިރު އަބަދުވެސް ހިތަށްއަރަނީ، ބެލުންތެރިއެއްގެ ހައިސިއްޔަތުން ސިނަމާގައި އިނދެ މި ފިލްމު ބަލައިލަން ލިބިއްޖެނަމަ ހާދަހާވާ ހިތްހަމަޖެހޭނެއޭ، އަދި މީހުންނަށް ވަރަށް ބޮޑު މުނިފޫހިފިލުވުމަކަށް ވާނެއޭއެވެ.

2014 ވަނަ އަހަރު "ވފތ" ފުރަތަމަ ލިޔުނު ދުވަސްވަރު އަޅުގަނޑު ފޭސްބުކްގައި ޝެއަރ ކޮށްފައިވާ ފޮޓޯއެއް.
2014 ވަނަ އަހަރު "ވފތ" ފުރަތަމަ ލިޔުނު ދުވަސްވަރު އަޅުގަނޑު ފޭސްބުކްގައި ޝެއަރ ކޮށްފައިވާ ފޮޓޯއެއް.

އަހަރުތައް ފާއިތުވަމުން ގޮސް، ދިރިއުޅުމަށް އެތައް ބަދަލުތަކެއް އަންނަމުން ދިޔައެވެ. އަޅުގަނޑަކީ އެއްވެސް އިރަކު ހަމައެކަނި އެއް ކަމަކަށް ހުސްވެގެން އުޅުނު މީހެއް ނޫނެވެ. އަބަދުވެސް ބެލެންސެއް ގެންގުޅެމެވެ. އެގޮތުން ފިލްމީ ކަންތައްތަކަށް މިވަރަށް ޝައުގުވެރިކަން ހުންނައިރުވެސް، ވަޒީފާއަށް ގޮސް ކިޔެވުމަށް ވެސް އިސްކަންދިނީމެވެ. އެގޮތުން، 2016 ވަނަ އަހަރު ބިޒްނަސް މެނޭޖްމަންޓުން މަސްޓަރސް ހާސިލްކުރީމެވެ. އެއަށްފަހު، އައީ އެންމެ އުފާވެރި ކަންތަކެވެ. 2019 ވަނަ އަހަރު ޒަވާޖީ ހަޔާތެއް ފަށައި އަމިއްލަ ދިރިއުޅުން އާރާސްތުކުރަން ފެށީމެވެ. ދެންވެސް، އެކި މަސައްކަތްތައް ކުރަމުން އައިސް، އަލަށް އުފެއްދި ނޫހަކަށް ތަފާތު އެކި ލިޔުންތައް ލިޔެދީ، ޕްރޮގްރާމްތައް އުފެއްދުމުގައިވެސް ބައިވެރިވީމެވެ.

"ނޫން.ޑޮޓް.އެމްވީ" އަށް ތައްޔާރުކޮށްދިން ބައެއް ކޮމިކް ސްޓައިލް ވާހަކަތަކާއި، ޕްރޮޑިއުސްކޮށް، އުފެއްދުމުގައި ބައިވެރިވި ބައެއް ޕްރޮގްރާމްތައް.
"ނޫން.ޑޮޓް.އެމްވީ" އަށް ތައްޔާރުކޮށްދިން ބައެއް ކޮމިކް ސްޓައިލް ވާހަކަތަކާއި، ޕްރޮޑިއުސްކޮށް، އުފެއްދުމުގައި ބައިވެރިވި ބައެއް ޕްރޮގްރާމްތައް.

މި ހުރިހާ ކަމެއްގެ ތެރެއިންވެސް، ފިލްމުތައް ބަލައި އެ ދާއިރާއިން އައު ކަންކަން ދަސްކުރުމުގެ ޝައުޤުވެރިކަން ދިޔައީ އިތުރުވަމުންނެވެ. އަދި ހިތުގެ ކަނެއްގައި ފޮރުވިފައިވާ އެ ސްކްރިޕްޓް މަތިން ވެސް ހަނދާން ނައްތައެއް ނުލެވުނެވެ. ބައެއް ޕްރޮޑިއުސަރުން އެ ސްކްރިޕްޓަށް ފިލްމު އުފައްދަން ޝައުޤުވެރިކަން ވެސް ފާޅުކުރިއެވެ. އެކަމަކު ވެސް ޖެހިލުންވިއެވެ. އޭރު ދާއިރާގައި ކުރެވުނު ތަޖުރިބާއިން ދަސްވި އެކައްޗަކީ، ލިޔާއިރު ތަސައްވުރުކުރާ ގޮތަށް ކޮންމެ މަންޒަރެއް ސްކްރީނަށް ނުގެނެވިދާނެ ކަމާއި، ފަހު ބަސް އަބަދުވެސް ބުނާނީ ޑައިރެކްޓަރު ކަމެވެ. އެއީ ހަޤީޤަތުގައި އެކަން އޮންނަންވެސް ޖެހޭނެ ގޮތެވެ. އެހެންކަމުން، މި ފަހަރު ބޭނުންވީ އަމިއްލައަށް ޑައިރެކްޓުކޮށް، އަޖުމަ ބަލާލާށެވެ. އޭރުވެސް، މިކަން ކޮންމެ ކޮންމެ ޕްރޮޑިއުސަރަކާއެކު ކާމިޔާބު ނުވާނެކަން އެނގުނެވެ.

އުއްމީދުގެ ހުޅުކޮޅެއް ރޯވީ 2024 ވަނަ އަހަރުގައެވެ. މި ފިލްމު ހަދަން އަޅުގަނޑާއެކު ތައްޔާރަށް ތިބި ރައްޓެހިންކޮޅަކާ ދިމާވި ހިސާބުންނެވެ. ދެން ބައްޕަ އާއި މަންމަ އަދި އަންހެނުންނާއި އާއިލާ އެންމެން އަދި ގާތް ރައްޓެހިންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން އެނގުނު ހިސާބުން ވަރަށް ހިތްހަމަޖެހުނެވެ. ދެގޮތެއް ނުވެ މިއަދާ ހަމައަށް ވެސް އެންމެ ގާތުގައި ހިތްވަރުދޭން ތިބީ އެމީހުންނެވެ. އެހިސާބުން އަތުކުރި އޮޅާލައި އަލުން މުޅި ސްކްރިޕްޓްގެ އާބާތުރަ ފިލުވައި އަދާހަމަކޮށް އެތައް ބަދަލު ތަކެއް ގެނައީމެވެ. އަދި އަމިއްލައަށް މި ފިލްމު ޑައިރެކްޓްކުރަން ނިންމައި އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއްގެ ގޮތުގައި "މޫވީބަފް ޕްރޮޑަކްޝަންސް" އުފެއްދީމެވެ. ދެން އޮތް އެންމެ ބޮޑު ސުވާލަކީ، 12 އަހަރު ފަހުން، "ވފތ" އަށް އަލުން ދިރުމެއް ލިބިދާނެތޯއެވެ؟

މިއީ ފިލްމީ ނަޒަރަކުން އަޅުގަނޑު، އަހަރެން ނުވަތަ މަގޭ ވާހަކައެވެ. މި ފިލްމުގެ ފެށުމެވެ. މި ދަތުރުގައި ދިމާވި އަދިވެސް އެތައް ވާހަކައެއް އެބަހުއްޓެވެ. ނަމަވެސް، އެ ވާހަކަތައް ދެން ބާއްވާނީ އެހެން ލިޔުމަކަށެވެ.

ލިޔުންތެރިޔާ

Abdulla Wisham

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް